މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރަން އެބަޖެހޭ ކަމަށާއި ދިވެހިންނަށް ދިވެހިންގެ ނިންމުން ނިންމަން ޖާގަ ލިބެން ޖެހޭނެ ކަމަށެވެ.
އަދި އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދިވެހި ރައްޔިތުންނަށް ފަހި ކޮށްދޭން ޖެހޭނެ ކަމަށާއި އިންޑިއާގެ ޕަޕެޓް ވެރިއެއް މިގައުމަށް އިންތިހާބު ކުރުމަށް އިންޑިއާ އިން ކުރާ މަސައްކަތައް އިލެކްޝަންސް ކޮމިޝަނުން ފާރަވެރިވާން ޖެހޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
“ ފުއާދު އާއި ކޮމިޝަންގެ މެންބަރު ހަބީބް ފަދަ ބޭފުޅުން ގައިގަ ދިވެހި ގައުމީ ލޭ ހިނގަން ޖެހޭނެ. ހުއްބުލް ވަތަންގެ ރޫހު ހުންނަން ޖެހޭނެ.” ނަރީޝް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ފުއާދު، އިންޑިއާ ސަފީރާއި ބައްދަލުކުރުމުން އިދިކޮޅުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އޭރު އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރި މައްސަލަ ވަރަށް ހޫނުވިއެވެ. އޭރުވެސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.



