މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދު ހެނދުނު 9:00 ން ފެށިގެން އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 7ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންޖެހެއެވެ.
ރިޔާސީ އިންތިޚާބު 2023 ގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޚަރަދު ކުރެވޭނީ އެ ކެނޑިޑޭޓެއްގެ ނަމުގައި އެކައުންޓެއް ހުޅުވައިގެން ކަަމަށް އިލެކްޝަންސް ކޮމިޝަން ވަނީ ބުނެފައެވެ. އަދި މިފޯމަކީވެސް މިފަހަރު އިންތިޚާބަށް ކުރިމަތިލާ ފޯމުތަކުގެ ތެރޭގައި އިލެކްޝަނުން ހިމަނުއްވާފައިވާ ފޯމެކެވެ.



