އަންނަމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ އޮންނާމެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 9 އޮގަސްޓްވާ ބުދަ ދުވަހު ކަމަށެވެ.
އެގޮތުން ނަން ތަރުތީބު ކުރުމަށް ބާއްވާ ހަފުލާ އޮންނާނީ ބުދަ ދުވަހުގެ ހަވީރު 16:30 ގައި އިންތިހާބާ ބެހޭ މައި މަރުކަޒުގައި ކަމަށް އީސީން ބުނެއެވެ.
އިތުރަށް އެ ކޮމިޝަނުން ބުނީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދޭ ކަމަށާއި ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއެއް އެ ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ. އެހެން ނަމަވެސް، ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަމަށްވެސް ބުނެފައިވެއެވެ.
މިއަހަރުގެ އިންތިހާބުގައި ވާދަކުރުމަށް 8 ބޭފުޅަކުވަނީ ފޯމު ހުށަހަޅުއްވާފައެވެ. އެއީ ޕާޓީތަކުން 5 ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ބޭފުޚުންނެވެ.



