ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކެބިނެޓަށް ލާ ބޭފުޅުންވާނީ ހިންގުންތެރި ހީވާގި، ޓެކްނިކަލީ އެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅުން ކަމަށާއި އެފަދަ ބޭފުޅުންނާއެކު އެކުލަވައިލާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ކެބިނެޓެއް ކަމަށް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ސަންގު ޓީވީން ގެނެސްދިން “އާސްކް މުޢިއްޒު” ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކެބިނެޓުގައި ތިއްބަވާނީ އެ ބޭފުޅެއްގެ މަސައްކަތުގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުން ކަމަށެވެ.
އަދި އޭނާ ވަޑައިގަންނަވަނީ މާނަހުރި ބަދަލެއް ގެންނެވުމަށް ކަމަށާއި، އެކަމަކީ މީހަކު ބުނާ ބަޔަކު މަޤާމުތަކަށް ލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއިން މިސާލު ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެ ދާއިރާއިން ބޭނުންފުޅުވަނީ ރަނގަޅު ހެޔޮ ބަދަލުތަކެއް ގެންނަވައި، ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރައްވަން ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ މަސައްކަތް ހަވާލުކުރައްވާނީ އެ ދާއިރާގެ ތަޖުރިބާއާއި ތައުލީމު ހުރި ބޭފުޅެއް ކަމަށެވެ.
“މިސާލަކަށް އެޑިއުކޭޝަން މިނިސްޓަރުކަމަށްލާ ބޭފުޅާ، އެބޭފުޅާވާނީ އެ ދާއިރާގެ ބޭފުޅަކަށް، އެ ދާއިރާ އެނގޭ ބޭފުޅަކަށް، އެ ދާއިރާއިން ތަޖުރިބާ ހޯދިފައިވާ އެ ދާއިރާގެ ތައުލީމު ލިބިފައިވާ ބޭފުޅަކަށް “ މުއިއްޒު ވިދާާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ މަޤާމަށް އައްޔަންކުރައްވާނީ ޖަމްއިއްޔަތުއް ސަލަފުން ނަން ފޮނުވާ ބޭފުޅެއްކަމަށް ބުނާ ވާހަކައާ ހަވާލާދީ ޑރ މުއިއްޒު ވިދާޅުވީ ވަކި ޖަމްއިއްޔާއަކުން ނަން ފޮނުވާ ބޭފުޅެއް މަޤާމަކަށް އައްޔަންކުރައްވަން ނޫޅުއްވާ ކަމަށެވެ.