ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ވެސް ގިނަ ބަޔަކު ބޭނުންކުރާ އާވި އަރުވާ އިންހޭލާއެއް ކަމަށްވާ ހޮންގް ތައި ބްރޭންޑުގެ ހާބަލް އިންހޭލާގެ ބެޗެއް ތަޣައްޔަރުވެފައިވާތީ، އެކަމަށް ސަމާލުވުމަށް ތައިލޭންޑުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންގައިފިއެވެ. މި އެޖެންސީން މިދިޔަ ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހޮން ތައި ބްރޭންޑުގެ ހާބަލް އިންހޭލާ ފޯމިއުލާގެ ބެޗެއް ރައްކާތެރިކަމުގެ މިންގަނޑުތަކުން ފެއިލްވެފައިވާކަން ޓެސްޓްތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ތައިލޭންޑުގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސައިންސަސްއިން ހެދި ލެބޯޓްރީ ޓެސްޓްތަކުން ދައްކާ ގޮތުގައި، ހޮންގް ތައި ކޮމާޝަލް ހާބަލް ޕްރޮޑަކްޓްސް އުފައްދާ ސައިޓުން ނެގި ސާމްޕަލްތަކުގައި ވަނީ ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް މައިކްރޯބްތައް ހުރިކަމަށް ފާހަގަކުރެވިފައެވެ. މިގޮތުން، ޓޯޓަލް އެރޮބިކް މައިކްރޯބިއަލް ކައުންޓް، ޓޯޓަލް ކޮމްބައިންޑް ޔީސްޓްސް އެންޑް މޯލްޑް ކައުންޓް، އަދި ކްލޮސްޓްރިޑިއަމް އެސްޕީޕީ ފަދަ މިންގަނޑުތަކުން މި އުފެއްދުން ވަނީ ފެއިލްވެފައެވެ.
އެފްޑީއޭއިން ހާމަކުރި ގޮތުގައި ތަޣައްޔަރުވެފައިވާ ބެޗަކީ 000332 ނަންބަރު ބެޗެވެ. މި ބެޗު އުފެއްދި ތާރީޚަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހެވެ. އަދި މުއްދަތު ހަމަވާ ތާރީހަކީ 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ. މީގެ އިތުރުން، ޖީ 309/62 ނަންބަރުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މި އުފެއްދުމަކީ، 2021 ވަނަ އަހަރު ތައިލޭންޑުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ގަސްގަހާގެހިން އުފައްދާ އުފެއްދުންތަކުގެ ސާފުކަމާއި ކޮލިޓީގެ މިންގަނޑުތަކަށް ވެސް ނުފެތޭ ކަމަށް އެ އެޖެންސީން ބުނެއެވެ.
މިކަމާ ގުޅިގެން ތައިލޭންޑުގެ އެފްޑީއޭއިން ވަނީ، މާކެޓުގައި މިހާރު ދައުރުވަމުން އަންނަ 000332 ނަންބަރު ބެޗުގެ ހޮންގް ތައި އިންހޭލާ ނުގަތުމަށް އާއްމުންނަށް އިންޒާރު ދީފައެވެ.



