- Advertisement -ad image

ޝަހީދުވި ދަރިންގެ ޒިކުރާ އާކުރުމަކީ ޤައުމީ ވާޖިބެއް: ސެމްބެ

ad image

ގުޅުންހުރި ލިޔުންތައް

ޤައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ގުރުބާންކޮށް ޝަހީދުވެދިޔަ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޤައުމީ ވާޖިބެއް ކަމަށާއި، އެބޭބޭފުޅުންގެ ޒިކުރާއާކޮށް އެފަދަ ދުވަސްތައް ފާހަގަކުރުމަަށް ސަރުކާރުތަކުން ކުޑަކޮށްވެސް ފަރުވާކުޑަކޮށްގެން ނުވާނެ ކަމުގައި އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިހެން ވިދާޅުވީ، ނަސްރުގެ ދުވަހު ޕީއެސްއެމްއިން ގެނެސްދޭ “ދިވެހީންގެރާއްޖެ” ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ 35 ވަނަ ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުވައި ސެމްބެ ވިދާޅުވީ ޤައުމީ އަބުތާލުން ގައުމަށްޓަކައި ވެވަޑައިިގެންފައިވާ މަތިވެރި ގުރުބާނީގެ އަގުވަޒަންކޮށް އެބޭފުޅުންގެ ޒިކުރާ އާކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.

ނަސްރުގެ ދުވަހާއި، ޝަހީދުންގެ ދުވަހާއި، ޤައުމީ ދުވަސްފަދަ ދުވަސްތަކަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ހަމައިން ފެށިގެން މުޅި ސަރުކާރާއި ރައްޔިތުންގެ އެކަމުގައި ޝާމިލުވާ ގޮތަށް ފާހަގަކުރަންޖެހޭ ދުވަސްތަކެއް ކަމަށް ސެމްބެ ވިދާޅުވިއެވެ. ޤައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެފަދަ ދުވަސްތައް ފާހަގަކުރެވި ޒިކުރާ އާކުރެވިގެން ކަމަށް އިންތިޚާބީ ނައިބް ރައީސް ވިދާޅުވިއެވެ.

“އެދުވަހުގެ އަޅުގަނޑުމެންގެ ޤައުމަށްޓަކައި އަބުތާލުންތަކެއް ފުރާނަ ގުރުބާން ވެގެންދިޔަ. އެބާތާލުންގެ ޒިކުރާ އާލާކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެއް. ހަގީގަތުގައި އެއީ ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫން. އެހެން ނޫންނަމަ ޤައުމެއް ޤައުމެއްގެ ގޮތުގައި ދިރުވޭނެ ތަނެއް ނުފެންނާނެ. ޤައުމުގެ އެއްބައިވަންތަ ކަމުގެ ރޫހު އާލާ ނުކުރެވޭނެ. ޤައުމެއްގެ ބަހާތައް ދިރުވޭނީ މިފަދަ ދުވަސްތައް ފާހަގަކޮށްގެން.” އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ސެމްބެ ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަދަ ދުވަސްތައް ފާހަގަ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައި ކަމަށެވެ. ޤައުމެއްގެ ހަޔާތުގައި ޤައުމަށް ނަސްރާއި ކާމިޔާބީ ހޯދައިދިން އަބުތާލުންގެ ޒިކުރާ ފަނޑު ނުވާނޭހެން ފާހަގަ ކުރުމަކީ ޤައުމުގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ސެމްބެ ފާހަގަ ކުރެއްވިއެވެ.

މިއަދަކީ މީގެ 35 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ޤައުމަށް ނަސްރުހޯދައިދިން ދިވެހިންގެ ނަސްރުގެދުވަހެވެ. މިއަދަކީ މިހާދިސާއަށް 35 އަހަރު ފުރޭ ދުވަހެވެ.

މިއީ ދިވެހިންތަކެއް ބޭރުގެ ހަތިޔާރު އެޅި ބަޔަކާ ގުޅިގެން މިޤައުމުގައި ހިންގި އެންމެ ލާއިންސާނީ އެއް ޖަރީމާއެވެ. މި ދުވަސް ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އަދި ތާއަބަދަށް މިވާހަކަތައް ދައްކާ މި ދުވަހު ޝަޙީދުވި 19 ދިވެހިންގެ ހަނދާން އަބަދުހެން އައުކުރާނެއެވެ. އެކަމުގައި ބައިވެރިވި މަދު ދިވެހިންގެ ގައިގައި ޖެހިފައި އޮތް ސިއްކަ ފޮހެވިގެންނެއްވެސް ނުދާނެއެވެ.

މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކާ ދިވެހިންގެ މަދުބަޔަކު ހިންގި ނުރައްކާތެރި ޢުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ