- Advertisement -ad image

ޑރ.މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދު، އެމަނިކުފާނު ތަފާތު ދައްކަވާނެ: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދު ކަމަށާއި އެމަނިކުފާނު ތަފާތު ދައްކަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 19 ވަނަ މަޖިލީހާއެކު ޕާޓީގެ ނައިބުރައީސެއްގެވެސް މަސްޢޫލިއްޔަތާއެކު މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މުހިއްމު މަސްޢޫލިއްޔަތު ވެގެންދިޔައީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތަކަށް ކަމަށެވެ.
އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕާޓީގެ ރައީސް، ރައީސް ޔާމީން ޙައްޤުނޫން ސިޔާސީ ޙުކުމެއްގައި ޖަލުގައި ޤައިދުކޮށްގެން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތައް ކަމަށާއި ދާއިރާތަކުގެ ލޮބުވެތި ރައްޔިތުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕް، ޕީޖީ ގްރޫޕް މެންބަރުން، ސެނެޓަރުން، ދާއިރާތަކުގެ ރައީސުން، ރަށްރަށުގެ ސްޓިއަރިންގ ކޮމިޓީތަކުން އަދި ޚާއްޞަކޮށް ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން ރާއްޖޭގެ މީޑިޔާތަކުން ލިބުނީ އާދަޔާ ޚިލާފު ފުރިހަމަ އެއްބާރުލެއްވުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“ ނަތީޖާއަކަށްވީ ﷲ ގެ ތަނަވަސް ރަޙުމަތުން 2023 ގެ ރިޔާސީ އިންތިޚާބު ދިވެހީންގެ ކެންޑިޑޭޓު ޑރ.މުޢިއްޒު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެތައް ބައެއްގެ ލޯތްބާ އެހީތެރިކަމާއެކު ކާމިޔާބުކުރެއްވުމެވެ. އިންތިޚާބުގައި އެހީތެެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް މިއަދުވެސް ހިތުގެ އެންމެ ފުންމިނުން އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން “ ޝިޔާމް ވިދާޅުވިއެވެ.

‏ މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ އިންތިޚާބީ ރައީސެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު އޭރުގެ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ރައީސް ޔާމީން ކުޑަމިނުން ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެން ކުރެއްވި އިލްތިމާސް ކަމަށެވެ. އަދި ޖެހިގެން އައިދުވަހު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނު ކަމަށާއި ވެެރިކަން ބަދަލުވުމާއިއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމަށެވެ.
“ ރައީސް ޑރ. މުޢިއްޒުގެ އާސަރުކާރުން ކުރައްވަންހުރި ކަންކަން ލައްކަ ބައިވަރެވެ. އެހުރިހާ ވަޢުދުފުޅުތަކެއް އެހުރީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކުރެވިފައެވެ. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެކެވެ. ދެފުށްފެންނަ ވެެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަމެކެވެ. ރައީސް ޑރ.މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދެވެ. إن شاء الله އެމަނިކުފާން ތަފާތު ދައްކަވާނެ “ ޝިޔާމް ވިދާޅުވިއެވެ.

‏އިތުރަށް މިނިސްޓަރ ވިދާޅުވީ ޑރ.މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއްގެ ފޮނި ނަތީޖާ ކަމަށެވެ.
އަދި މި ސަރުކާރު ގެނެވުނީ ރައްޔިތުން 5 އަހަރު މަގުމަތީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެގެން ކަމަށާއި ރައީސް ޑރ. މުޢިއްޒު އާއެކު ރައްޔިތުންގެ ވަރަށްގިނަ އުންމީދުތަކެއް އެބަހުރި ކަމަށެވެ.
“ ރައްޔިތުން ރައީސް ޑރ. މުޢިއްޒު ވެރިކަމަށް އިންތިޚާބުކުރަންޖެހުނު ސަބަބުތަކެއްވެސް އެބަހުއްޓެވެ. އަޅުވެތިކަމަށް ދާން ބޭނުން ނުވެގެންނެވެ. އިސްލާމްދީން މަތިވެރިކުރުމަށެވެ. ޤައުމު ދަރަނިން ސަލާމަތްކުރަން ބޭނުންވާތީއެވެ. ސުލްހަވެރި އަމާންވެއްޓެއް ޤާއިމުކުރަން ބޭނުންވާތީއެވެ. ތަރައްޤީއާ ތަމައްދުން ބޭނުންވާތީއެވެ. އުފާފާގަތި ފުދުންތެރި ދިރިއުޅުމަކަށެވެ. ދިވެހީންގެރާއްޖެ ދިވެހީންނަށް ހޯދައިދޭށެވެ. މިހުރިހާ ކަމެއް ކުރައްވަން އެމަނިކުފާނަށް ވަގުތު ބޭނުންފުޅުވެއެވެ. ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންފުޅުވެއެވެ. ޚާއްޞަކޮށް ޕީޕީއެމް-ޕީއެންސީގެ ލޮބުވެތި މެންބަރުންގެ އެއްބާރުލެއްވުމާ އެހީތެެރިކަން އިންތިހާއަށް ބޭނުންފުޅުވޭ “ ޝިޔާމް ވިދާޅުވިއެވެ.

‏ ޢަޒުމަކީ ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ.މުޢިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުންދީ އަދި ހަވާލުކުރެއްވި ޤައުމީ މަސްޢޫލިއްޔަތު ލަޔާޣަތާ ޤާބިލިއްޔަތު ތަންދިން އެންމެފުރިހަމައަކަށް އަދާކޮށްދީ ޤައުމާ ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދީ ދިވެހީން ގެނައި މި އުއްމީދީ ސަރުކާރު ދަމަހައްޓަން އެންމެކުރީސަފުގައި މަސައްކަތްކޮށްދިނުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ