ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ކަރަންޓްގެ ސިނާއަތަށް އިންޤިލާބީ ހެޔޮބަދަލެއް ގެންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށެވެ. އަދި ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން ފަހުމީ ދެއްވިއެވެ.
“ އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ގެ ޒަޢާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން “ ފަހުމީ ވިދާޅުވިއެވެ.
މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް މިހާރު ވަނީ ރާއްޖެގެނެސް ބެހެއްޓުމުގެ މަސައްކަތް ފަށާފައި ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
އަދި ޕީކް ސީޒަންގެ ކުރިން މީގެ އިތުރު 2 ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވި، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.



