ރަސް މާލެ އާއި މާލެ ގުޅުވާލަނީ ކަނޑު އަޑިން އަޅާ “އަންޑާ ވޯޓާ ޓަނަލް” އަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ‘އަންޑަވޯޓާ ޓަނަލް’ ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ހަދާފައިވާ ޓަނަލްއަކަށް ކަމަށެވެ.
ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމަކީ މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ އެންމެ އުންމީދީ މަޝްރޫއެވެ. އެހެންވެ، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ކަނޑައަޅާފައި ވަނީ ހިއްކުމުގެ މަސައްކަތް 8 މަސް ތެރޭގައި ނިންމުމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭނީ، ގުޅިފައިވާ ރަށްތަކުގައި ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބުރިޖުތައް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލް އަކުން ގުޅާލުމަކީ މީހުން ދަތުރުކުރަން ފަސޭހަ ކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއެއްގެ އިތުރުން ޓޫރިޒަމާ ވެސް ގުޅޭ މަޝްރޫއަކަށް ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މިމަޝްރޫއާ އެކުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމުގައި ވިދާޅުވި އެވެ.