ރާއްޖޭގައި ހެލިކޮޕްޓަރުގެ އުދއްސުމުގެ ހިދުމަތް އަލުން ތައާރަފް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސަލާމަތާއި ރައްކާތެރިކަމާއެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތަޢާރަފުކުރުމަށް ރައީސް ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާ އާއި އެކުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ހިދުމަތުގެ ދަށުން ‘މެޑިވެކް’ އާއި ‘ސަރޗް އެންޑް ރެސްކިއު’ ގެ ޚިދުމަތްތައް ލާޒިމުކޮށް، 2 އިންޖީނުލީ ހެލިކޮޕްޓަރ ބޭނުންކޮށްގެން، ހެލިކޮޕްޓަރ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
މީގެއިތުރުން ދޭ އެހެން އާންމު ދަތުރުތައް ކުރަންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމުގައި ވެސް ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.
އިއްޔެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސެވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭކަމަށް ފާހަގަކުރެވޭނަމަ، އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.
އަދިވެސް މި ނިންމުމާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު އިޞްލާޙުކޮށް، އިންޑަސްޓްރީން ފަންނީ ޤާބިލު މީހުން އެކަމަށް ޝައުޤުވެރިކަން އުފައްދަވައި އެފަދަ މީހުން މި ދާއިރާގައި ދެމެހެއްޓުމަށް އެކަށީގެންވާ އެކަން ކުރެވޭވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވައިލަންވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.