ރާއްޖެއާއި ސްރީލަންކާ އާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް މި އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށް އެ ޤައުމުގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.
މިކަން ހާމަކުރެއްވީ ދެ ގައުމުގެ ދެމެދުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމުގެ މަގްސަދުގައި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން ސާވިސަސް މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީނާއި މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާ މިއަދު މިނިސްޓްރީ އޮފީހުގައި ބޭއްވެވި ހާއްސަ ބައްދަލުވުމަށް ފަހުގައި ކަމަށް ޑެއިލީ މިރޯ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.
މި ޚިދުމަތުގެ ސަބަބުން އެކްސިޑެންޓްތަކާއި ބަލިތަކާއި އެހެނިހެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަވަސް ފަރުވާހޯދުމަށް ދިވެހި ރައްޔިތުންނަށް ސްރީލަންކާއަށް ވަގުތުން އައުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މީގެ ކުރިން އިމަޖެންސީ ބޭސްފަރުވާ ދިވެހި ފޮނުވަމުން ގެންދިޔައީ އިންޑިޔާ އަށެވެ.
“އެހެން ނަމަވެސް ލަންކާގައި އިމަޖެންސީ ފަރުވާގެ ކޮލިޓީއަށް ބަލައި، ކުރިއަށް އޮތް ތަނުގައި އެފަދަ ބަލި މީހުން ލަންކާގެ ހޮސްޕިޓަލްތަކަށް ޑައިރެކްޓް ކުރަން ދިވެހި ސަރުކާރުން ވަނީ ނިންމާފައި،” ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން ސާވިސަސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެކަމަށް ޓަކައި އެއާޕޯޓް އޮފިޝަލުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ދޭންޖެހޭ ހުރިހާ އެޕްރޫވަލްތަކެއް މިނިސްޓަރު ދެއްވާފައިވާއިރު، އެއާޕޯޓުގައި ހާއްސަ ޔުނިޓެއް ގާއިމުކޮށް، އެ ޔުނިޓަކީ ޒަރޫރީ ހުރިހާ ވަސީލަތްތަކެއް އެކުލެވިގެންވާ ޔުނިޓެއްކަން ކަށަވަރު ކުރުމަށް މިނިސްޓްރީގެ ސެކްރެޓަރީ ކޭޑީއެސް ރުވަންޗަންދުރައަށް މިނިސްޓަރު ވަނީ އަންގަވާފައެވެ.