އިމާމުން ތާޒާކުރުމުގެ ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށް، އިމާމުންގެ ވިސްނުމުގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ތައުލީމީ ފުރުސަތުތަކާއި ސްކޮލަޝިޕްތައް ހުޅުވާލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިމާމުން ތާޒާކުރުމަށް މިއަހަރުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ އަމާޒަކީ ދިވެހި އިމާމުންނަކީ ޢިލްމީ ގޮތުން ޤާބިލު އަދި އެކަށީގެންވާ ޢިލްމުވެރިން މެދުވެރިކޮށް ކިޔަވައިދޭ ބަޔަކަށް ހެދުން ކަމަށެވެ.
ނުވަ މާއްދާގެ ރިފްރެޝަރ ޕްރޮގްރާމްގެ ސަބަބުން ޑިޕްލޮމާ ފެންވަރަށް އިމާމުންނަށް ލިބޭ ވަރަށްވުރެ މާ ފުޅާ ދާއިރާއެއްގައި މައުލޫމާތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ރިފްރެޝަރ ޕްރޮގްރާމްތަކުގެ އިތުރުން އަމާޒަކީ ރާއްޖެއިން ބޭރުން ތިބި ދިވެހި އިމާމުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން ވެސް ތައުލީމީ ފުރުސަތުތަކަށް ދިވެހި އިމާމުން ރާއްޖެއިން ބޭރަށް ފޮނުވި އެވެ.
“އަޅުގަނޑުމެން އެދެނީ އިމާމުން ރާއްޖެއިން ބޭރުގައި ތަމްރީނު ފުރިހަމަ ކުރަން. މިހާރުވެސް ބައެއް މީހުން ރާއްޖެއިން ބޭރަށް ފޮނުވާފައި އެބަހުރި. މިފަހަރު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ދާނީ މެލޭޝިއާ، ސައުދީ އަރަބިއްޔާ، މިސްރު، ބްރޫނާއީ އަދި އިންޑޮނޭޝިއާ އަށް. މި ހުރިހާ ގައުމަކަށް ވެސް އިމާމުން ފޮނުވާނަން،” އޭނާ ވިދާޅުވި އެވެ.
އަދި ތައިލެންޑުގެ ވަރުގަދަ އިސްލާމީ ޔުނިވާސިޓީތަކަށާއި މޮރޮކޯގެ ހާއްސަ އިންސްޓިޓިއުޓަކަށް ދިވެހި އިމާމުން ފޮނުވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ޝައުގުވެރިވާ އިމާމުންނަށް ސްކޮލަޝިޕް ދިނުމާއި މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ނަމަ ޕީއެޗްޑީ އަށް ކިޔެވުމަށް ސްކޮލަޝިޕްގެ ފުރުސަތު ތައް ފަހިކޮށްދޭނެ ކަމަށްވިދާޅުވި އެވެ.
“ކޯހެއް ހަދާއިރު އެއީ އިމާމް ޑިގްރީ ކޯހަކަށް ވާން ނުޖެހޭނެ. އެއީ އިސްލާމީ ކޯހަކަށް ނުވަތަ ޝަރީއާއާ ގުޅުންހުރި ކޯހަކަށް ވުމުން ފުދޭ،” އޭނާ ވިދާޅުވި އެވެ.
މި ސްކޮލަޝިޕްތައް އިމާމާތުގެ ސައިންސާ ގުޅުންހުރި ދާއިރާތަކުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މާސްޓާސް ޕްރޮގްރާމަކީ މީގެ ކުރިން މާސްޓާސް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. ނަމަވެސް އެ ސްކޮލަޝިޕްތައް ލިބޭނެ ސީދާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވާ ކަމަށާއި މިއަހަރަކީ ދިވެހި އިމާމުންނަށް ފެހި އަހަރަކަށް ހެދުމަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.