ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް ބޮޑުކޮށްދޭން ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ލިމިޓު އިތުުރު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ އެ ސިޔާސަތު ތަންފީޒުކުރެވޭޏެ ނިޒާމެއް އެކުލަވާލަން ބޭންކާއި އެމްއެމްއޭ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަަމަވެސް މި ވަގުތު އެކަން ކުރެވެން ނެތް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
“މި ސިޔާސަތު މި ވަގުތު ތަންފީޒުކުރުމުގެ ދަތިތަކެއް ހުރިކަން ފާހަގަވެ، ދިވެހިރާއްޖޭގައި މި ވަގުތު ޑޮލަރު ޑިމާންޑު އަދި ހުރި ހުރަސްތައް މިދަނީ ދެނެގަންނަމުންނެވެ” ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ވެސް ބުނެފައިވަނީ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ބީއެމްއެލް އާއި އެމްއެމްއޭއާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ބީއެމްއެލް އިން ނެގޭ ޑޮލަރުގެ އަދަދު މަތިކުރަން މި ސަރުކާރުން ނިންމި ތާރީހަށް އެކަން ނުވުމުން ނެރުނު ނޫސްބަޔާނުގައި ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑު އޮތް ގޮތާއި ހުރި ހުރަސްތައް ވެސް ދެނެގަންނަމުން އަންނަ ކަމަށެވެ.
ފިނޭންސުން އިތުރަށް ބުނީ ކާޑު ލިމިޓު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ އަދާހަމަ ދަފްތަރެއް ވެސް އެކުލަވާލަމުން އަންނަ ކަމަށެވެ. ހަމައެހެންމެ ރަސްމީ ރިޒާވު އިތުރުކުރުމަށާއި، ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި ބޭންކުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސުގެ ބަޔާނުން މި ސިޔާސަތު ތަންފީޒުކުރަން ފެށޭނެ ދުވަހެއް ބަޔާންކޮށްފައި ނެތެވެ.