- Advertisement -ad image

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ގާބިލްކަން ވަރުގަދަކުރަން ވަނީ ފެށިފައި: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭކަމަށާއި އެ މަސައްކަތް ވަނީ ފެށިފައި ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި ސަރުކާރުން ހިފަހައްޓާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާއި ދިވެހި ޤައުމަށް އިސްކަން ދިނުން ނުވަތަ ‘ޕްރޯ މޯލްޑިވްސް’ގެ ސިޔާސަތުކަމަށެވެ. އަދި، ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވިއެވެ.
އަދި ދިވެހި އުންމަތުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަންކަމަށް ރައީސް ވިދާޅުވިއެވެ.
“އިސްލާމް ދީން މަތީ ތިބެވުމީ ކުޑަ ނިޢުމަތެއް ހެއްޔެވެ؟ އެއަށްވުރެ ޢަދުލު އިންސާފުވެރިކަން ބޮޑު، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި، ދީނެއް ނެތްކަމީ، ކަށަވަރުކަމެކެވެ. މިކަމުގެ މައްޗަކަށް އަލަކުން ދަލީލެއް ދެއްކުމެއް ބޭނުމެއް ނޫނެވެ. އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ކުޑަ ނިޢުމަތެއް ހެއްޔެވެ؟ މި ޒަމާނުގައިވެސް ބޮޑެތިބޮޑެތި އެތައް ކަރަޔެއްގެ މުޅި ރައްޔިތުން ޖާނުން އެތިބަ ޤުރުބާންވަނީ އެކަން ހޯދުމުގެ މައްޗަށެވެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދީނާއި މިނިވަންކަމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދިވެހި އުންމަތުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް، އެމަނިކުފާނުގެ ސަރުކާރަކަށް ތާއީދުކުރީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވާލުމުގެ މައްޗަށްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވުވެވަޑައިގަތުމާއެކު އެމަސައްކަތް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ރައީސުލްޖުމްހޫރިއްޔާ ދޭދޭ ޤައުމުތަކުގެ މެދުގައި މުޢާމަލާތުކުރާން އޮތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން މަޝްވަރާތައް ދަނީ ކުރެވެމުން. ރާއްޖޭގައި ތިބި އުތުރުކަރައިގެ ސިފައިން ގެންގޮސްދެއްވުމަށް އެ ކަރައިގެ ސަރުކާރުގައި ވާނީ ދަންނަވާފައި. މިކަމުގެ މަޝްވަރާތައް މިހާރުވެސް ދަނީކުރެވެމުން. އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުތުރުކަރައިގެ ސިފައިން ފޮނުވާލުމުގެ އިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރެހުމަށްކަމަށް ބުނެ، އެ ޤައުމާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމައި، އެކަންވެސް އެ ޤައުމަށް މިހާރު އަންގާފައިވާކަމަށެވެ. އަދި ސަރުކާރު އޮތީ ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދޫދޭގޮތަކަށް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީންކުރަންޖެހޭ މަސައްކަތްވެސް ސަރުކާރުން ފައްޓަވާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޤައުމު އުފެއްދި އެންމެ ވަރުގަދަ ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބޮޑުތަކުރުފާނާއި، ދޮންބަންޑާރައިންނާއި، ބޮޑުރަސްގެފާނާއި، އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒަޢާމަތުގައިވެސް ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރެއްވުމަށް ވަނީ މަސައްކަތް ކުރައްވާފައިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ