test
- Advertisement -ad image

މަދުވެގެން 20 ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފައްޓާވާނެކަމަށާއި، އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަޑިފުށީ ސްކޫލްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، މަޑިފުށީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންވެސްޓަރުން ބަލައިގަންނަ ފަދަ ތަނަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށްރަށުގައި ފަށާފައިހުރި މަޝްރޫޢުތަކުގެ ތެރެއިން މިވަގުތަށް އެންމެ މުހިންމު ކަންކަން ކައުންސިލުން ތަރުތީބު ކޮށްދިނުމުން، އެކަންކަމަށް އިސްކަންދެއްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ގެންގުޅުއްވާ ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ތަފުސީލުކޮށް ބައްލަވައިލެއްވިއެވެ. އެގޮތުން ކައުންސިލުތައް ބާރުވެރިކުރުވައި، އިޤްތިޞާދު ކުރިއެރުވުމަށް މި ސަރުކާރުން ފުރުޞަތު ފަހިކޮށްދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށްޓަކައި، ކައުންސިލްގެ އިޙްތިޞާޞް ތެރޭގައި ހުރި ރަށްރަށާއި، އަދި އިޙްތިޞާޞްގެ ތެރޭގައި ރަށެއް ނެތްނަމަ، ދުރުގައި އޮތް އެހެން އަތޮޅެއް ނުވަތަ ދާއިރާއަކުންވެސް، އެ ދާއިރާއެއްގެ ރައްޔިތުންގެ އެއްބާރުލުމާއެކު ރަށްރަށް ހޯދައިގެން، އިޤްތިޞާދީ އެތައް ކަމެއް ކުރެވޭނެ މަގު ފަހިކޮށްދެއްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން ގެދޮރުގެ މައްސަލައަށް ހައްލު ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ފަށައިފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ލުއި ލޯނު ނެގޭނެ މަގު ތަނަވަސް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. ހަމައެއާއެކު، އިޤްތިޞާދީ ހާލަތާއި ސަރުކާރުގެ ކުންފުނިތަކުގެ މާލީހާލަތު ރަނގަޅުކުރަން މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މަޑިފުށީ ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށަށް އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، އުހުރިޔާ އަދި ކޮޅުފުށި މަޑިފުށީގެ އިޙްތިޞާޞަށް އިތުރުކުރަން ބޭނުންވާކަމަށާއި، ރަށުގެ އުދައަރާ ސަރަހައްދު ރައްކާތެރިކުރުމާއި، ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢު ކުރިއަށްގެންދަން ބޭނުންވާކަމަށާއި، ޖުމްލަކޮށް ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް އަވަސް ސްޕީޑެއްގައި ނިންމުމަށް މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ދިޔަމިގިލި އަދި މަޑިފުށި ކޯޒްވޭއަކުން ގުޅައިލުމަށް ބޭނުންވާކަމުގައި ރަށު ރައްޔިތުންގެ ފަރާތުން މި ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ