ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ މައި ކުންފުނީގެ ޙައިޞިއްޔަތުން، މި ސަރުކާރުން އެކަށައަޅުއްވާފައިވާ އިއާދަކުރަނިވި ހަކަތައިގެ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒު ކޮށް ތިމާވެއްޓަށާއި، ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ ލިއްބައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ދެ ދުވަސް ކުރިން ރިޔާސީ ބަޔާން އިއްވެވިއިރު ވަނީ ތިމާވެށްޓާ ރައްޓެހި އިޢާދަކުރުވަނިވި ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު 4 އިންސައްތައިން، 33 އިންސައްތައަށް މި ދައުރުގައި އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ވިދާޅުވެފަ އެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ އެމްޑީ ވަނީ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ އަމާޒު މި ދައުރުގެ ތެރޭގައި ކާމިޔާބު ކުރާނެކަމަށް ވިދާޅުވެފަ އެވެ.
“މާތްﷲ ގެ އިރާދަފުޅާއި ވާގިފުޅާއެކު 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ އަމާޒު އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ކާމިޔާބު ކުރާނަން.”
މީގެއިތުރުންވެސް ފަހުމީ ވަނީ މި ސިޔާސަތުތައް ތަންފީޒުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން މިހާރުވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވަނީ ރާއްޖޭގެ ފެހިކަން އިތުރުކުރުމަށްޓަކައި މި ދައުރުގައި 5 މިލިއަން ގަސް، މުޅި ރާއްޖޭގައި އިންދުމުގެ މަޝްރޫޢެއް މި އަހަރު ފަށާނެކަމަށް ވިދާޅުވެފަ އެވެ.