މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ސްޓެލްކޯއިން އިސްލާމިކް މިނިސްޓަރާއި މަޝްވަރާކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، މުޙައްމަދު ޝަހީމް ޢަލީ ސައީދާއި ބުދަ ދުވަހު ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝަހީމް ވަނީ މިސްކިތްތަކާއި ދީނީ އެކިއެކި މުއައްސަސާތަކުގައި ސޯލާ ޕެނަލް ހަރުކުރުމާއި މިނިސްޓްރީއަށް ފަންނީ އެހީ ފޯރުކޮށްދިނުމާއި ގުޅޭގޮތުން ސްޓެލްކޯގެ އެމްޑީއާއި މަޝްވަރާކުރައްވާފައެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މިސްކިތްތަކާއި ގުޅޭ ކަންކަމުގައި ސްޓެލްކޯގެ ދާއިރާގެ ތެރެއިން ދެވެންހުރި ފަންނީ އެހީ އިސްލާމިކް މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝަހީމްއާއި އެމްޑީ ފަހުމީގެ އިތުރުން ސްޓެލްކޯއާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެެރިވެވަޑައިގެންނެވިއެވެ.