ސެލޫން އަދި މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކުމުގެ މަސައްކަތް ކުރާ 111 ތަނެއް މާލެ ސަރަހައްދުގައި ހުރި ކަމަށް ދާހިލީ ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ސެލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާ 111 ތަނެއް ފާހަގަވެފައިވާ ކަމަށާއި އެ ތަންތަނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސެލޫން އަދި މަޗާޖު ޕާލާތަކުގައި ހަށިވިއްކުމުގެ މަސައްކަތް ކުރުމަށް ރާއްޖެއިން ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް، ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމީހުން ވަގުތުން ޑީޕޯޓު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
“ހަށިވިއްކުމަށްޓަކައި ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް ބޭނުން ކުރޭ. އެފަދަ މީހުން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުން،” މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ހިންގާ ބައެއް މަސާޖު ޕާލާތަކާއި ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެފަދަ ތަންތަނުން ދިވެހީންނާއި ބިދޭސީންވެސް މީގެ ކުރިން ހައްޔަރުކޮށްފައިވެއެވެ.