ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ހަދާނެ ކަހަލަ އެގްރިމެންޓެއް ނޫންކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންޓަކްޗަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައި އޮތް ގުޅީފަޅު މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން އިއްޔެ ނެރުނީ އެތަން ހިއްކަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ތިމާވެށީގެ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ އަމުރު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ހިމެނޭ ޚަބަރު ޓްވީޓް ކުރައްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރި މީހުންނަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި މީހުން ކަމަށެވެ.
“ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން،” މިނިސްޓަރު ވިދާޅުވިއެވެ.
ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހު އެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ.