ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ސަރުކާރުގެ ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން ފްލެޓް ހަމަޖައްސައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ ‘ރައީސްގެ ޖަވާބު’ގެ މިއަދުގެ ޕްރޮގްރާމްގައި ގދ.ގައްދޫ، މާފެހި، މުޙައްމަދު ޝުހައިލް ވަނީ ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވި ފަދައިން ވަޢުދު ފުއްދަވާދެއްވާނެކަމަށެވެ. އެގޮތުން ހިޔާ ފްލެޓްގެ ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“މި ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުގެ ތެރެއިން ކުރީގަ ފްލެޓް ލިބޭނެ ކަމަށް ގެޒެޓްގައި ނަން ހިމެނިފައި، އެހެންނަމަވެސް ފްލެޓް ނުލިބޭނެ ކަމަށް ފަހުން ކަނޑައެޅި ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ ފްލެޓް ހަމަޖައްސާދޭނެ ކަމުގެ ޔަގީންކަން ދެން،” ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ވަނީ ހިޔާ ފްލެޓް ލިބުނު ބައެއް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަމަށް ކަނޑައަޅައި، އެ މީހުންނަށް ލިބިފައިވާ ފްލެޓް އަތުލާފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވަނީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު، ނަމަވެސް ފްލެޓް ނުލިބުނު މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ފްލެޓް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަަމަ އެއް މަޝްރޫއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި ހިޔާ މަޝްރޫއެވެ. އެ މަޝްރޫއަށް ވަނީ 430 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.