ޕެނަޑޯލް 500ގ ގުޅަ ބޭހަށް ދިމާވި މައްސަލަ އާއި ގުޅޭގޮތުން ހަދަންޖެހޭ ތަހުލީލުތައް ހެދުމަށްފަހު އެ ބޭސް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ދީފި އެވެ.
އެ އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ބޭސް ގުޅަތައް ޓެސްޓުކޮށް ބެލުމުން ބޭހުގައި ހުންނަން ޖެހޭ ވަރަށް (ކޮންޓިޓޭވިޓް ޓެސްޓުން) ބޭހުގެ ބާރުހުރިކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މި ކުރިން މައްސަލަ ދިމާވި މި ބޭހުގެ ބެޗު މިހާރު ރާއްޖޭގައި ނެތްކަން ވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފަ އެވެ.
އެމްއެފްޑީއޭއިން މީގެކުރިން ބުނިގޮތުގައި ޕެނަޑޯލުން ފާހަވި މައްސަލައަކީ ބޭހުގެ ޕެނަޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވުމެވެ.
އަދި މިހެން ދިމާވަނީ ބޭސް އުފުލާގެންގުޅުމާއި ގުދަންކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރެވުމުން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
އެމްއެފްޑީއޭއިން ވަނީ ބޭސް އުފުލާގެންގުޅުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް އެ އޮތޯރިޓީން ޕަބްލިޝްކޮށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައެވެ.