ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ އެއްވެސް މީހެއްގެ ހައްޤު ގެއްލިގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނަށް ސީދާ ސުވާލު ދެންނެވޭގޮތަށް ކުރިއަށްގެންދާ އަހާ ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަހާ ފޯރަމްއަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ފޯރަމްއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި އަހާގެ ފުރަތަމަ ފޯރަމްއެވެ.



މި ފޯރަމްގެ ތެރެއިން އާންމުންގެ ގިނަ ބަޔަކު ވަނީ ގެދޮރުވެރިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދަންނަވާފައެވެ. އެގޮތުން ފޯރަމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މިނިވަންކަމާއި ސިޔާދަތާއި ގުޅުންހުރި ކަންކަން ނެގުމަށްފަހު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ގެދޮރުވެރިކަންކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ގެދޮރުވެރިކަން ބޭނުންވެ ނުލިބޭ އެއްވެސް މީހަކު ނުހުންނާނެކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފްލެޓް ލިބޭ މީހުންގެ ލިސްޓު މިނިސްޓްރީގެ މުވައްޒަފުން ހަމައެކަނި ޗެކްކުރުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައި އޮތީ މުޖްތަމައުގެ ތެރޭގައި މީހުން ބަލައިގަންނަ އިތުބާރުކުރާ ބޭފުޅުން ހިމެނޭ ކޮމެޓީއެއް އުފައްދައި އެ ކޮމެޓީން ބަލާ ލިސްޓް ފާސްކުރުމަށްކަމަށެވެ. އަދި މީގެ އެންމެ މުހިންމު ބޭނުމަކީ ސަރުކާރުން އެކަނި ކުރާކަމަކަށް މިހެން ނުހެދުންކަމަށްވެސް ރައީސުލްޖުމްހޫރިއްުުޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭސީސީގެ ލިސްޓު ކޮމެޓީން ބަލައި މުރާޖާކުރާނެކަމަށާއި، އެއާއެކު ގޯސްކޮށް މީހަކަށް ފްލެޓް ދީފައި އޮތްކަން އެނގިގެންދާނެކަމަށެވެ. އަދި ކޮމެޓީން ބަލާއިރު ފްލެޓް ލިބިފައި އޮތް މީހަކު ޝަރުތުހަމަނުވެ ފްލެޓް ނުލިބޭ މީހެއް ކަމަށް ކަނޑައެޅުނަސް އެމީހެއްގެ ހައްޤު ގެއްލުނަ ނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.