މުޖުތަމަޢަށް އަމާންކަން ލިބޭނީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ ވަތަންދެކެ ލޯބިވުން “ މިއެވެ.
ހުތުބާގައި ބުނީ ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެން ކަމަށާއި ކޮންމެ މީހެއްގެ މޫނުމަތިން އަނެކާއަށް ހިނިތުންވުން ލިބިދެވިގެން ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް އެދިގެން ކަމަށް ހުތުބާގައި ބުންޏެވެ.
“ ދިވެހިރާއްޖޭގެ ބިމަކީ، ބަރަކާތްތެރި ފަސްގަނޑެކެވެ. މާތް ﷲ ވަނީ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވައިފައެވެ. މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތައް ވަރަށް ގިނައެވެ “ ހުތުބާ.
މިފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތް ކުރުމަށް ޓަކައި، އަހަރެމެން އެކަތިގަނޑަކަށް ވާން އެބަޖެހޭ ކަމަށް ހުތުބައި ބުންޏެވެ.
އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން ޖެހޭ ކަމަށާއި ދޭދޭ ފަރުދުންގެ މެދުގައި ހުރި ޚިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާޢަތުގެ މަޞްލަޙަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން އެބަޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
“ ވަޠަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި، ޤައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކު ވެސް އެމީހެއްގެ ޙިއްޞާ އަދާކުރުން ވެއެވެ. ޤައުމު ބިނާކުރުމުގައި ބައިވެރި ވުމަކީ، ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުމެވެ” ހުތުބާ
ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި ޤައުމު ބިނާކުރުމުގެ މަސައްކަތަކީ، މީހާގެ ޤާބިލުކަމާއި، ހުނަރުވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް ހުތުބައިގާ ބުނެފައިވެއެވެ.