ފްލެޓް ދޭނެ ކަމަށް ބުނެ ސީލައިފުން ފައިސާނެގި 203 މީހުންގެ ތެރެއިން 60 އަށް ވުރެ ގިނަ ރައްޔިތުންނަށް ހިޔާ ފްލެޓް ހަމަޖައްސައިދީފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ފަޒުލް ވިދާޅުވީ ހިޔާ ފްލެޓްގައި އެއްވެސް ބަޔަކަށް ނުދީ 60 އެއްހާ ޔުނިޓް ހުރި ކަމަށެވެ. އަދި އެ ފްލެޓްތައް މިދިޔަ ސަރުކާރުން އިތުރު ފަރާތަކަށް ނުދީ ހިފެހެއްޓިކަމަށާއި، އެކަން އެގޮތަށް ކުރުމުގެ ބޭނުމަކީ ކޮބައިތޯ އަހާ ފަޒުލް ވަނީ ސުވާލު ކުރައްވާފަ އެވެ.
“މިދިޔަ ސަރުކާރެއް ނޫން އޭގެ ކުރީ ސަރުކާރުން ބާކީވި 60 އެއްހާ ޔުނިޓްހުރި. މިދިޔަ ދުވަސްތަކުގަ މީގެން އެންމެ ޔުނިޓެއްވެސް އިތުރު ފަރާތަކަށް ނުދީ ހިފެހެއްޓުމުގެ ބޭނުމަކީ ކޮބާތޯ؟” ފަޒުލް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ފްލެޓް ދޭނެ ކަމަށް ބުނެ ސީލައިފުން ފައިސާނެގި 203 މީހުންނަށް ހައްލު ހޯދަދޭން ނިންމާފައިވާކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.
އަދި އޭގެން ބައެއް މީހުންނަށް މިހާރު ފްލެޓްގެ ލިޔެކިޔުންތައް ހަވާލުކޮށްފައިވާކަމަށްވެސް ފަޒުލް ވަނީ ވިދާޅުވެފައެވެ.
“ރައީސްގެ ހާއްސަ ލަފާ އާ އެކީގައި މި ދެންނެވި 203 މީހުންނަށް ހައްލު ހޯދަދޭން ނިންމާފައިވާކަން އަދި އޭގެން ބައެއް މީހުންނަށް އިރާދަކުރެއްވިއްޔާ މިއަދު އެ ލިޔެކިޔުންތައް ރޯދަ ހަދިޔާއެއްގެ ގޮތުގައި ގޮސްފައިވާކަން ފާހަގަކޮށްލަން ބޭނުން” ފަޒުލް
ފަޒުލް ވަނީ މިދިޔަ ސަރުކާރުން މިދިޔަ ސަރުކާރުގެފަހު ކޮޅު ޕޯޓަލްއެއް މެދުވެރިކޮށް 123 ފްލެޓެއް އިއުލާން ކުރި ނަމަވެސް، އެ ޕޯޓަލް މެދުވެރިކޮށް އިއުލާންކުރީ އެހެން ގޮތަކަށް އަމާޒު ބައްޓަން ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ ޕްރެޝަރާއެކު އެކަން ހުއްޓާލުމަށްފަހު އެޗްޑީސީއިން އެއާ ހަވާލުވިއިރު ފްލެޓްތައް އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރިކަން ފާހަގަކުރައްވާފަ އެވެ.
ސީލައިފުން ފްލެޓު އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓު ގަތުމަށް 280 އަށްވުރެ ގިނަ މީހުން، ބުކިން ފީގެ ގޮތުގައި މީހަކު 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ދައްކައިފައެވެ.
ގިނަ އަދަދެއްގެ ފަރާތްތަކުން ސީލައިފުން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލައިފައެވެ. އެއާއެކު ފްލެޓު ގަތް 203 ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓަށް ވަނީ މައްސަލަ ހުށައަޅާފައެވެ.