ރާއްޖެއަކީ ވަރަށް ކުޑަގައުމެއް ކަމުގައި އަމިއްލައަށް ގަބޫލުކުރަމުން އައި އައުން ބަދަލުކުރަން ޖެހޭކަމަށާއި ރާއްޖެއަކީ ބޮޑު ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިފައިންގެ ވައިގެ ފޯސް އުފައްދަވާ, އަސްކަރީ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ފައްޓަވައިދެއްވުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޤައުމުގެ މިނިވަންކަން ދިފާއު ކުރުމަކީ ލިބިފައިވާ ހައްގެއްކަމަށާއި، އަދި އެކަން ޤަބޫލުކޮށްގެން މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރުމަކީ ލިބޭ އުފަލެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމުގެ ބޮޑު ސަރަހައްދެއް އަމިއްލަ ބާރުވެރިކަން ނެތިގެން ނުބެލެހެއްޓި އޮތް އޮތުމާއި މެދު ކަންބޮޑުވުން މިއަދު ނިމުމަކަށް އައިސްފައިވާކަމަށެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން މިއަދު ލިބިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.
“މިބޮޑު ސަރަހައްދަކީ ދަރީންނާއި, ދަރީންގެ ދަރީންގެ މުސްތަގުބަލް އުޖާލާކުރުމަށް ލިބިފައިވާ ބޮޑު ނިއުމަތެއް އަދި ރަނުގެ ފުރުޞަތެއް . މިސަރަހައްދުން އިގްތިސާދު ފުޅާކުރަން ކުރެވޭނެ އެތައްކަމެއް އެބަހުރިކަން ގަބޫލުކުރަންޖެހޭ. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް އަޅުގަނޑުމެންގެ ގައުމުގައި އަމިއްލަ ސިޔާދަތީ ބާރު ހިނގާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންގެ ޤައުމުގެ ސަރަހައްދު, ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަަށާއި މިއީ އަޅުގަނޑުމެންގެ ހައްގެއް ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ލިބިގެން ދިޔަ ޤާބިލުކަމާއެކު މިއަދު ފެށިގެންދިޔައީ ބޮޑު މަސައްކަތެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކަނޑުގެ ސަރަހައްދު ބަލަހްޓަން ބޭނުންކުރަން ފެށި ތިން ޑްރޯން އަކީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޢާންއާ އޮތް ގާތް ގުޅުމުގެ ތެރެއިން ހިލޭ ލިބުނު ޑްރޯންތަކެއްކަން ފާހަގަކުރައްވަމުން ރައީސްލްޖުމުހޫޜިއްޔާ ވަނީ ތުރުކީގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތު ތިން ޑްރޯންއާއެކު ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށިނަމަވެސް ތުރުކީއާ އޮތް ގުޅުމުގެ ތެރެއިން އިތުރު އަސްކަރީ ބާރުވެރިކަން ލިބޭނެ ކަމަށް ރައީސްލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.