ޓީޗަރުން މަދު ދާއިރާތަކުން އިތުރު ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މި އަހަރު މެދުތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުން ކުރާ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ “ރައީސްގެ ޖަވާބު” ސިލްސިލާ ޕްރޮގުރާމުގެ ތެރެއިން މ.މުލަކު ސުކޫލުގެ ސެން ޓީޗަރެއްގެ ގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މ.މުލަކު، ސޯސަންވިލާ، ޢާއިޝަތު ޝައުފާވަނީ ސެން ޓީޗަރުން ހޯދުމަށް ސުކޫލުތަކުން އިއުލާނުކޮށްގެންވެސް އެފަދަ ޓީޗަރުން ނުލިބޭކަން ފާހަގަކުރެއްވުމާއެކު، ކުރިން ސެން ޓީޗަރުންނަށް ރިސްކް އެލަވެންސްގެ ގޮތުގައި ލިބުނު ފައިސާ އަލުން ލިބޭނެ ގޮތް ހެއްދެވިދާނެތޯ ރައީސާ ސުވާލުކުރައްވާފައެވެ.
“ސެން ކިޔަވައިގެން ތިބި ޓީޗަަރުން ލިބޭލެއް ވަރަށް މަދު. ސްކޫލުތަކުން އިއުލާނުކޮށްގެންވެސް ޓީޗަރުން ލިބުން ވަރަށް ދަތި. ނަމަވެސް ކުދިންވަނީ އިތުރު. ވީމާ ކުރިން ދެމުންއައި ސެން ޓީޗަރުންގެ ރިސްކް އެލަވެންސް ލިބޭނެ ގޮތް ހައްދަވައިދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،” ޝައުފާ ވިދާޅުވިއެވެ.
ޝައުފާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނުކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ. މިއަހަރުގެ މެދުތެރޭގައި ނުކުޅެދުންތެރިންކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނާއި އަދި ޓީޗަރުން މަދު އެހެނިހެން ދާއިރާތައްވެސް ހިމެނޭ ގޮތަށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމެއް ފަށަން ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
“މިއަހަރުގެ މެދުތެރޭގައި ފަށަން މިހާރު ރާވާފައި މިއޮތީ ތިދާއިރާ [ސެން ޓީޗަރުން] އަދި ޓީޗަރުން މަދުކޮށް ތިބި ދާއިރާތަކުން ޓީޗަރުން ހޯދުމުގެ ނުވަތަ ތަމްރީނުކުރުމުގެ މަސައްކަތް. އޭގެ ތެރެއިން ސެން ޓީޗަރުންނަށް ޚާއްޞަ އިސްކަމެެއްދީގެން އެ ދާއިރާގެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށާ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދާނެ،” ރައީސް ވިދާޅުވިއެވެ.
އަދި އެ ޕްރޮގުރާމުގެ އިތުރަށްވެސް މިހާރުން މިހާރަަށް ޓީޗަރުން އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި އެކަންކަން ސަރުކާރުން ކުރާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ސެން ޓީޗަރުންނަށް ދެމުން އައި ރިސްކު އެލަވެންސް ލިބުން ހުއްޓުނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ނިމުނު ސަރުކާރުގައި ގެނައި ބަދަލަކާ ގުޅިގެންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ އެލަވެންސް ނުވަތަ ޚާއްޞަ ފައިސާގެ އިނާޔަތެއް ސެން ޓީޗަރުންނަށް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.