މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީ، ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަނެ، ކެމްޕެއިން ފައްޓަވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަންނަވާނީ ހެންވޭރު ހުޅަނގު ދާއިރާގެ ޑޯޓުޑޯ ހަރަކާތުގައެވެ. ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ އަލީ އިބްރާހިމެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ އެ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:45 ގައި ސޯސަން މަގާއި ބޮޑު ރަސްގެފާނު ހިނގުން ގުޅޭ ކަންމަތިން ކަމަށެވެ.
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/03/IMG_1956.jpeg?resize=696%2C675&ssl=1)
މިއަދު މާލޭގައި ކެމްޕެއިން ކުރައްވަން ފެއްޓެވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައިފައެވެ. އެމަނިކުފާނަށް މިހާތަނަށް ވަޑައިނުގެންނެވުނު އަތޮޅުތަކަކީ އއ. އަތޮޅާއި އދ. އަތޮޅާއި ލ. އަތޮޅާއި ފ. އަތޮޅަށެވެ. ރައީސް ވަނީ ދެން ހުރި ހުރިހާ އަތޮޅެއްގެ ގިނަ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރައްވައިފައެވެ.