ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތައް ދޫކޮށްފައިވާ ސަރަހައްދު ސާފުކޮށް އިންވަކި ކުރުމުގެ މަސައްކަތް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ފަށައިފިއެވެ.
އެޗް.ޑީ.ސީގެ ފަރާތުން މި މަސައްކަތް ފަށްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މީޑިއާތަކާ ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، މިގޮތަށް ބިން ސާފުކޮށް އެއްވަރުކޮށް އިންފާރު ވަކިކުރުމުން، މަސައްކަތް އަވަސްވެ ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދައަކާއެކު އިންފާރު ވަގުތުން ރާނަން ފެށޭނެ ކަމަށެވެ. މިއީ ކުރީގައި 3 މަރުހަލާއެއްގައި ކުރަމުން އައި މަސައްކަތްކަން ފާހަގަކޮށް ފަޒުލް ވިދާޅުވީ 3 މަރުހަލާ މިހާރު އެއް މަރުހަލާއަށް ބަދަލުކޮށްދީފައިވާ ކަމަށެވެ.
އަދި އުއްމީދަކީ ހުޅުމާލޭގައި ބިންވެރިޔާގެ ގޯތިތަކުގެ ތެރެއިން ހިއްކަމުންދާ ސަރަހައްދު ފިޔަވައި ދެން ހުރި ހުރިހާ މަސައްކަތްތަކެއް މިވަގުތު ހައްލުކޮށްދެވެން ހުރި ކަންތައް ތަކެއް ހައްލުކޮށް ނިންމުން ކަމަށެވެ.
“ މީގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ހިމެނޭނެ އެކަމަކުވެސް މިހާރު ދިމާވެފައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގާ އަރާފައި ހުރި [ނެޓްވޯކްތައް] ބަދަލު ކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން.” ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ ނެޓްވޯކް މައްޗަށް ބިން އަރާފައި ހުރިކަމަށް ބުނެ ބިން ނުދީ ނުތިބޭނެ ކަަމަށާއި، އެޗް.ޑީ.ސީ ސްޓެލްކޯ އަދި އެމް.ޑަބްލިއު.އެސް.ސީ ގުޅިގެން އެ ނެޓްވޯކްތައްވެސް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން ހިލަފުނި ޖަހާފައި ހުރިތަންތަނުން ވެސް ބިން ދީފައި ހުރިކަން ފާހަގަ ކުރައްވައި މިހާރު އެތަންތަންވެސް ރީލޮކޭޓް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ގުޅިގެން ކުރިއަށްދާކަމަށް ފަޒުލް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގައި 9001 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރެއިން 1351 ގޯތި ދޫކުރަނީ ހުޅުމާލެއިންނެވެ. މިހާތަނަށް ބިން ކަނޑާ ދީފައިވާ ފަރާތްތަކުން ދަނީ ބިމުގެ އިންފާރުވެސް ރާނަމުންނެވެ.