ރާއްޖޭގެ ހުރިހާ ސިޓީތަކުންނާއި އަދި ހުރިހާ އަތޮޅުތަކުން ޕާސްޕޯޓު ޚިދުމަތް ރައްޔިތުންނަށް އެ އަތޮޅެއްގައި ތިބެގެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ ސީދާ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާނު ވިދާޅުވީ، މި ނިންމެވުމާއެކު ދިވެހި އެތަކެއް ރައްޔިތަކަށް މާލީ ގޮތުން ލުއިވެ އަދި ވަގުތު ސަލާމަތް ކުރެވި ލުއި ފަސޭހަ ކަމާއެކު މި ޚިދުމަތް ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ އަތޮޅު ތެރޭގެ އެތަކެއް ރައްޔިތުން ނުހަނު އެދިއެދި ހުރި ކަމެއް ކަމަށާއި ލާ މަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމެއް ކަން ވެސް ކަށަވަރު ކަމަށް ޝައްމާނު ވިދާޅުވިއެވެ.
މިޚިދުމަތް ފުޅާކުރަމުން ދާނީ ފިޔަވަހި ތަކަކަށް ބަހާލައިގެންކަމަށާއި، މިހާރުވެސް ސިޓީތަކާއި ބައެއް އަތޮޅު ކައުންސިލްތަކުން މިކަން ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސިޓީތަކާއި އަތޮޅު ކައުންސިލްތައް ވަރަށް ބޮޑަށް ބާރުވެރިވެގެންދާނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ރައީސްގެ މިނިންމެވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ. އަދި ވަރަށް ވަގުތު ސަލާމަތްވެގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން އިނގޭތޯ. މަހެއްގެ މައްޗަށް 1200 އެއްހާ މީހުން މިގޮތަށް މާލެ އައިސް ޕާސްޕޯޓްނެގުމުގައި ގާތްގަނޑަކަށް 5000 އާއި 6000 އާއި ދެމެދުގެ އަދަދެއްގެ ޚަރަދެއް އެބަ ކުރޭ. ހުރިހާ ރައްޔިތުންނަށް ބަލާއިރު މިއީ ވަރަށް ބޮޑު ޚަރަދެއް. އަހަރެއްގެ މައްޗަށް އެބަ ޚަރަދުވޭ 7.7 މިލިއަނެއްހާ ރުފިޔާ އާންމުންގެ އަތުން.” ޝަމްއާން ވިދާޅުވިއެވެ.
ޝައްމާނު ވަނީ މި މުހިންމު ނިންމެވުމާއި ގުޅިގެން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގަ ރައީސް އަށް ޝުކުރު ދަންނަވާފައެވެ.