- Advertisement -ad image

20 ވަނަ މަޖްލިސް: ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ދާއިމީ ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއިން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިއަށްދަނީ ދެ ދުވަހުގެ މުއްދަތަކަށެވެ.

އެގޮތުން ހޮނިހިރު އަދި އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:00 އިން 12:00 ގެ ނިޔަލަށް ސޮއިކުރުން ކުރިއަށްދާނެއެވެ. ވޯޓަރސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދަނީ އިންތިޚާބާ ބެހޭ މައި މަރުކަޒު ދަރުބާރުގޭގައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން އަންނަނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް، ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ. އަދި ސޮއިކުރަން ހާޒިރުވާއިރު އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަންވާނެއެވެ.
ފައިނަލް ވޯޓަރސް ލިސްޓް އާއްމުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ