މިމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ކެންޑިޑޭޓުންނާއެކު ކުރިއަށް ދިއުމަށް ޕީޕީއެމް/ޕީއެންސީގެ އެންމެހައި މެންބަރުންގެ ކިބައިން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ގަމު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު ޔޫސުފު ނަޝީދު (ޔޫތު) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ މަސްލަހަތު އެއްކައިރިކޮށް ސަރުކާރުން ތާއީދުކުރާ ސަރުކާރުން އެދޭ ކެންޑިޑޭޓުން ހޮއްވަވައި ދިނުމުގައި ޕީޕީއެމް/ޕީއެންސީގެ އެންމެހައި މެންބަރުން މަސައްކަތްކޮށްދެއްވުމަށް އެދޭ ކަމަށެވެ.
“ އަޅުގަނޑުމެންނަށް ބައެއް ދާއިރާތަކުން ފެންނަނީ ޕްރައިމަރީގަ ވަކިގޮތަކަށް ނިމުނީމަ ނޫނިއްޔާ ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރީމަ އެހެންނަމަވެސް އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ވާދަކުރައްވާތަން. “ ރައީސް ވިދާޅުވިއެވެ.
އަދި ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ދާއިރާތަކުގައި މިކަން ފެންނާތީ ހިތާމަކުރައްވާ ކަމަށާއި އޭގެ ސަބަބުން ފަސޭހަކަމާއެކީގައި އެ ގޮނޑި ގެއްލޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެހެން އެކަން ކޮށްގެން ޕީޕީއެމް/ޕީއެންސީގެ ވޯޓު ބައިބައިވެ އެ ދާއިރާތަކުގެ ގޮނޑިވެސް ސަރުކާރަށް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ރައީސް ވަނީ މި ޖަލްސާގައި ތަކުރާރުކޮށް ސަރުކާރުން ތާއީދުކޮށްފައިވާ ކެންޑިޑޭޓާއެކު މަޖިލިސް އިންތިހާބުގެ އަގުލަބިއްޔަތު ސަރުކާރަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.