އުއްމީދު ކުރަނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުން ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށާ މިހާރުވެސް 15 ހެކްޓަރުގެ ބިން ހިއްކައިފަވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފަޒުލް ވިދާޅުވީ މިއަދު ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާ ކުރިއަށް އޮތްތާނގަ ވަރަށް ފުޅާކޮށް މިމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަދި ވެލި ހުރި މިންވަރަކުން ހިއްކުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށާއި މިފަހަރު މަސައްކަތް ފެށީ ކުރިއަށް އޮތް ތިންހަފުތާއަށް ހިއްކާ ވަރަށް ވެލި ހޯދައިގެން ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
“ ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް ކުރިއަށް އޮތް ތިން ހަފުތާ ނޫނީ ހަތަރު ހަފުތާގެ ވެލި އެޅޭވަރަށް އަޅުގަނޑުމެންނަށް ސޭންޑް ލިބިގެން މިމަސައްކަތް މި ފެއްޓީ “ ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ މި މަސައްކަތް ހުއްޓާލީ ކަމަށް ބުނެ ވާހަކަތައް ދައްކާ ކަމަށާއި ނަމަވެސް މަސައްކަތެއް ކުރަމުންދާއިރު ދަތިތަކާއި އުދަނގޫތައް އަންނާނެކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތަކަށްވާއިރު އަމާޒަކީ ދިމާވާ މައްސަލަތައް ހައްލުކޮށްގެން ބިންހިއްކުމުގެ ކަންކަން ނިންމާލުން ކަމަށެވެ.
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައިގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރ ބިން މިހާރު ވަނީ ހިއްކާ ނިމި، ދެވަނަ ބައިގެ ވެސް 5 ހެކްޓަރ ހިއްކާފައެވެ. މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތެވެ. އެގޮތުން ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރއެވެ.