ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް މަޖިލީހުގެ ތަނަވަސް މެޖޯރިޓީ ދޭން ޖެހެނީ ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުމަށް ކަމަށް ޕީއެންސީގެ ޗެއަރޕާރސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އޭދަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަމަށާއި އެހުރިހާ ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.
އަދި މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އައިސް އޮތް ސަރުކާރެއް ކަމަށާއި އަދި މި ސަރުކާރަކީ ރައްޔިތުންނާއި ގާތުން ހިދުމަތް ކުރަންބޭނުންވާ ސަރުކާރެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
“ މި ސަރުކާރަކީ ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ހޯދަންބޭނުންވާ ސަރުކާރެއް. މި ސަރުކާރަކީ މި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓަން ބޭނުންވާ ސަރުކާރެއް. މިސަރުކާރަކީ މާތްވެގެންވާ އިސްލާމްދީން ނޫން އެހެންދީންތަކަށް ފުރުސަތު ދޭން ބޭނުންނުވާ ސަރުކާރެއް. މި ސަރުކާރަކީ އަދުލްއިންސާފު ގާއިމުކުރަން ބޭނުންވާ ސަރުކާރެއް. “ އަދުރޭ ވިދާޅުވިއެވެ.
މިސަރުކާރަށް މެޖޯރިޓީ ދޭންޖެހެނީ މި ސަބަބުތަކަށްޓަކައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި އިދިކޮޅަށް މެޖޯރިޓީ ދިނީމަ ފެންނާނީ ސަރުކާރަށް ޖެއްސުންކުރާތަން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.