އިންޑިއާއިން ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ، ކުރިން ނުކުރާ މިންވަރަކަށް އިތުރުކޮށްދިނުމުގެ ސަބަބުން ދައްކުވަނިދެނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެއެވެ.
އިންޑިޔާއިން އިއްޔެ ވަނީ މީގެކުރިން ނުކުރާ ވަރަށް ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ ރާއްޖެއަށް އިތުރުކޮށްދީފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ ޒަމީރު “އެކްސް”ގައި ވަނީ އިންޑިއާއަށް ޝުކުރު ދަަންނަވާފައެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ވެގެން ދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
“ކޯޓާ އިތުރުކުރުމުން ދައްކުވަނިދެނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް ތައްޔާރަށް އޮތްކަން.” ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވަނީ މިއީ ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަމުގެ ރަމްޒެއް ކަމަށް ވެސް ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ޒަމީރުގެ ޕޯސްޓަށް ޖަވާބުދެއްވަމުން، ޖައިޝަންކަރު ވިދާޅުވީ، އަވަށްޓެރި ގައުމުތައް އިސްކުރުމުގެ ސިޔާސަތުގައި އެ ގައުމުން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ އިންޑިއާއިން ނިންމާފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރު ކުރުމަށް ކަމަށެވެ. އެއީ 25 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.