20 ވަނަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި މި ސަރުކާރަށް ވެސް ޖެއްސުން ނޫން ކަމެއް ނުކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ރޭ ފޮނަދޫ އަދި ފެލިދޫ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓުންގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ބޮޑެތި މަޝްރޫއު ތަކަކާއެކު ދިވެހިންގެ ހާލަތު ބަދަލުދިނުމަށް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒަކީ ދިވެހި ތާރީޙު ބަދަލުކޮށްލާނެ ވަރުގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ވަނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ޖަލުގައި އެއްވެސް ސިޔާސީ ބޭޅަކު އަދި ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅަކުވެސް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ހަމަޖެހުން ނަގާލުމަކީ ރައީސް ބޭނުންފުޅުވާ ގޮތެއް ނޫންކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
“އެއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއްނޫން މިޤައުމުގެ ހަމަޖެހުން ނަގާލާކަށް. އެގޮތުން އަޅުގަނޑުމެންނަށް ފެނިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން އަދި ނިމިދިޔަ ސަރުކާރުގެ ރައީސްކަން ކުރެއްވި ބޭފުޅާވެސް ނިކުމެވަޑައިގެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ މަންޒަރު. އެހެންވީމަ އޭގެން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ ބަދަލުހިފުމުގެ އެއްވެސް ރޫހެއް ގެންގުޅުއްވާނެ ބޭފުޅެއް ނޫންކަން.” ފައިސަލް ވިދާޅުވެފައި ވެއެވެ.
ފައިސަލް ވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ ތަނެއްގެ ގޮތުގައި އޮތް މަޖިލީހަކަށް ހެދުމަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދީ ސުޕަރމެޖޯރިޓީ ސަރުކާރަށް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.