20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެއްގޮތަކަށްވެސް ވައްދަން ހެޔޮ ނުވާވަރުގެ ވިއްސަކަށް ކެނޑިޑޭޓުން މި އިންތިހާބުގައި ވާދަކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރޭ ފޮނަދޫ އަދި ފެލިދޫ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓުންގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވަނީ ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައިގެން ގޮތް ނޭނގޭ އެގްރިމެންޓްތަކުގައި ސޮއިކޮށް، މާލިއްޔަތު ކައި ނުވަތަ ބަހާ ހުސްކޮށް، އަދިވެސް އެފަދަ އެތައްކަމެއް ކުރިއިރު، އެކަމާއި ދެކޮޅަށް އަޑު އުފުލަން ނުކެރި ނުވަތަ އަޑުއުފުލަން ބޭނުންނުވެ އޭރުގެ ސަރުކާރަށް އެއްބާރުލުން ދިން ބަޔަކު މިއަދު މަޖިލީހަށް ހޮވީމަ ވާނެގޮތާއި މެދު އެންމެންވެސް ވިސްނަންޖެހޭނެކަމަށް ވިދާޅުވެފައެވެ.
“ދިވެހިން ބޭނުންވަނީ އަމާންކަމާއެކީގައި އަޅުގަނޑުމެން މި ދަންނަވާ ދިވެހިންގެ ރާއްޖެ ބިނާކުރަން ކަމަށް ވަންޏާ، އެބަޖެހޭ ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓ ދެއްވަން” ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެ ރާއްޖެ ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ނުކުމެގެން އުޅެނީ ތަސައްވަރެއް ހިފައިގެން ކަމަށެވެ. އަދި އެ ތަސައްވަރުގައި ކުލަޖައްސާ ރައްޔިތުން ބޭނުންވާގޮތަށް ޤައުމު ބިނާކޮށް ރައްޔިތުންނަށް ހިދުމަތްކުރައްވަން ބޭނުންފުޅުވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވަނީ މި ސަރުކާރާއެކު ދެމި ހުންނެވީ ސާބިތުވެ ކަމަށާއި ކިތަންމެ ވަރަކަށް ފާޑު ކިޔަސް ޖެހިލުމެއް ނެތި، މި ސަރުކާރު ދަމަހައްޓަން މަޖިލީހުގެ ތެރެއިންނާއި ބޭރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވައިފަ އެވެ.