ތަރައްޤީ ގެނެވޭނީ ސަރުކާރާއި ގުޅިގެން އަދި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުންދީގެން ކަމަށް ޕީއެންސީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އައްޑޫ ހިތަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަމުން އަޒާން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ކޮންމެ އިންތިހާބެއްގައި ވެސް އައްޑޫގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތެއް ދެނީ އެމްޑީޕީއަށް ކަމަށެވެ. އެހެންނަމަވެސް 15 އަހަރުވީއިރުވެސް ދާއިރާއަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށާއި މިފަހަރު ބަދަލެއް ގެންނަން ޖެހޭ ކަމަށް އަޒާންވަނީ ވިދާޅުވެފައެވެ.
“އެއްބަޔަކު ހޮވައިގެން ތަރައްގީ ލިބިދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރާތާ އެތައް އަހަރެއްވީ. ފަނަރަ އަހަރު ވެއްޖެއޭ. ވަރުބަލި ވެއްޖެއޭ، ވީ ކަމެއް ނެތޭ،” އައްޑޫގެ މީހުންގެ ޝުއޫރު ހުރި ގޮތަށް އަލިއަޅުވާލައްވަމުން އަޒާން ވިދާޅުވި އެވެ.
އަޒާން ވަނީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާ ތަމްސީލުކުރަން ފުރުސަތު ދީފިނަމަ އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ޖަވާބުދާރީ ވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުން އެދޭ ސްޕީޑުގައި ކަންތައްތައް ކުރިޔަށް ނުދާނަމަ ރައްޔިތުންގެ ސަފަށް ނުކުމެ ރައްޔިތުންގެ ހައްޤުގައި ނުކުންނާނެ ފުރަތަ މެންބަރަކަށް ވާނެކަމުގެ ޔަގީންކަން އަޒާން ވަނީ އަރުވާފަ އެވެ.
އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވުޒާރާތަކަށް ދިއުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަޑައިގަންނަވަން ޖެހުނަސް އެކަމަށް ވެސް ހިތްވަރު ހުންނާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
އެހެންވެ، މި ފަހަރުގެ މަޖިލިސް އިންތިހާބު ވާނީ އައްޑޫގެ ކުރިމަގު ބައްޓަން ކުރަން ލިބޭ މުހިއްމު ފުރުސަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.