ރައްޔިތުން މަޖިލިސް އިންތިޙާބުގައި ފަހަތަށް ޖެހިވަޑައިގަތީ ތަރައްޤީ ގެންނަން ބޭނުންވާތީކަމަށް ބޭނުންވާތީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) ވިދާޅުވެއްޖެއެވެ.
ރޭ ނިލަންދޫ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖޭފޯ ވަނީ ފަހަތަށް ޖެހިވަޑައިގަތީ ސަރުކާރަށް ތާއީދު ކުރާ ކަހަލަ ކެންޑިޑޭޓެއް ފެނުމާއެކު، ތަރައްޤީވެސް ބޭނުންވާތީ ސަރުކާރަށް އެ ފުރުސަތު ދިނުމަށް ކަމަށްވިދާޅުވެފަ އެވެ.
“ސަރުކާރަށް ތާއީދު ކުރާ ކަހަލަ ކެންޑިޑޭޓެއް އަޅުގަނޑަށް ފެނުމުން، އަޅުގަނޑު މިހިރީ ފަހަތަށް ޖެހި ތަރައްޤީ ބޭނުންވާތީ. ސަރުކާރަށް އެ ފުރުސަތު ދީގެން. އެއީ ހަމަ ތަރައްޤީ ބޭނުންވާތީ ކުރާ ކަމެއް. ނިލަންދޫ ދާއިރާގެ ރައްޔިތުންނަކީ ތަރައްޤީއަށް ފެންބޮވައިގެންފައި ތިބި ބަޔަކަށްވުމުން ކުރިއަށް އޮންނަ މަޖިލިސް އިންތިޚާބުގައި ސަރުކާރު ބޭނުންވާ ކަހަލަ ކެންޑިޑޭޓެއް ހޮވައިދޭނަން،” ޖޭފޯ ވިދާޅުވިއެވެ.
މީގެއިތުރުން ޖޭފޯ ވަނީ ތަރައްޤީ އާއި ފަސޭހަތައް ހޯދަން ބޭނުންވާނަމަ ސަރުކާރަށް މަޖިލިސް ހޯދަދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަދި އިދިކޮޅުން ހަޤީޤަތާ ހިލާފު ވާހަކަތައް އޮޅުވާލުމަށް ދައްކަމުންދާކަން ޖޭފޯ ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ ދޮގު ހަދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޖޭފޯ ވަނީ ސަރުކާރުން މަޝްރޫއުތައް ބާރު ސްޕީޑުގައި ހިންގަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް އޮޅުވާނުލެވޭނެކަމަށް ވިދާޅުވެފައި ވެއެވެ.