މާރޗްމަހު ޑެންގީހުން ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުން ދައްކާގޮތުގައި މާރޗްމަހު ޑެންގީޖެހިގެން 119 މީހުން ވަނީ ރިޕޯޓުކޮށްފައެވެ. ފެބްރުއަރީމަހު ރިޕޯޓުކޮށްފައިވަނީ 116 މީހުންނެވެ.
އެހެންކަމުން އެޗްޕީއޭއިން ވަނީ މި ދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި:
މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވާކުރުމާއި، މަދިރި ލޯޝަން، މޮސްކިޓޯ ރެޕަލެންޓް އަދި ސްޕްރޭ ބޭނުންކުރުން. (ރެޕެލެންޓްގެ ތެރޭގައި (DEET, Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone ބްރޭންޑް ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވޭ.
ފަތިސް އަދި އިރުއޮއްސޭ ގަޑިއަށް ދޮރުތައް ލެއްޕުން
ފެން ހަރުލާގޮތަށް ހުންނަ ތަންތަން ސާފުކުރުން އަދި މަގުމައްޗާއި ގޯތިތެރެއަށް ފެންހަރުލާ ފަދަ ތަކެތި އުކާނުލުން.
ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާއަށް އަލިއަޅުވާލައި އެޗްޕީއޭއިން ބުނީ އަރާމު ކުރުން އިތުރުކުރަންޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުންވެސް ރައްކާތެރި ކޮށްދޭ ކަަމަށެވެ. މީގެ އިތުރުން ގިނަގިނައިން ފައިދާހުރި ދިޔާތަކެތި ބޭނުން ކުރުމަށާއި، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުންމަޑުކޮށް ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.