ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ވަގުތު 17:30 އާ ހަމައަށް އިތުރުކޮށްފިއެވެ.
އަންނަ އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން މީގެ ކުރިން ނިންމާފައި އޮތީ ހެނދުނު 8 އިން 4 އަށެވެ. މި ވަގުތު 8 އިން 5:30 އަށް އިތުރުކުރަން ނިންމީ މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ.
އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ މީޑިޔާއަށް ވިދާޅުވީ ހެނދުނު 08:00 އިން ހަވީރު 05:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ އޭގެ ތިރީސް މިނެޓް ފަހުން 06:00 ގައި ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
އެފަދައިން ނިންމީ ދެކަމަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެއީ، މިހާރު މޫސުން އޮތް ގޮތަށް ބަލާއިރު ވޯޓުލާ ދުވަހު ބޯކޮށް ވާރޭވެހިއްޖެ ނަމަ ވޯޓުލާން ދާ މީހުން މަދުވެދާނެތީ އާއި އެ ދުވަހު ވަރަށް ހޫނުގަދަވެއްޖެ ނަމަ، މެންދުރު ވަގުތު ވޯޓުލާން ކިއުގައި ޖެހޭ މީހުން މަދުވެދާނެ ކަމަށް ބަލައިފައި ކަމަށް ހަސަން ވިދާޅުވިއެވެ.
މީގެއިތުރުން ސްރީލަންކާ އަދި ޓްރިވެންޑްރަމްގައި ވޯޓުލުން ކުރިއަށްގެންދާ ގަޑީގެ ގޮތުގައި އީސީއިން ހާމަކޮށްފައިވަނީ ހެނދުނު 8:30 އިން 6:00 އަށެވެ.
މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހެނދުނު 11:00 އިން ރޭގަނޑު 8:30 އަށެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މުޅި އެކު 608 ވޯޓު ފޮށި ބަހައްޓާނެ އެވެ. ރާއްޖެއިން ބޭރުން ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ މުޅިއެކު ހަ ގައުމެއްގަ އެވެ. މިއިން ކޮންމެ ގައުމެއްގައި ވެސް ބަހައްޓާނީ އެއް ފޮއްޓެވެ.