- Advertisement -ad image

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ހިދުމަތުން ރިޓަޔަރކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ އިޚްލާޞްތެރި ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔަރ ކުރައްވައިފިއެވެ.

މިކަމަށްޓަކައި ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ޚާއްޞަ މި ރަސްމިއްޔާތަށް، ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައިވެއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު އަދި، އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫންއެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

1985 ފެބުރުވަރީ 18 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ ދިގު މުއްދަތުގެ ޚިދުމަތާ ގުޅޭގޮތުން ރޭގެ ރަސްމިއްޔާތުގައި ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ. ސިފައިންގެ ޚިދުމަތުގައި އެމަނިކުފާނު ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކޮށްދެއްވާފައިވާ އިޚުލާޞްތެރި އަގުހުރި ޚިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު، އެމްއެންޑީއެފްގެ ވަރަށްގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ. މި ގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަޤާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަޤާމު އަދާކުރައްވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ