ރިޔާސީ ނިޒާމުގެ ވާހަކަ ދައްކަން އެމްޑީޕީ އަށް ނޭނގޭ ކަމަށާއި ވެރިކަން ލިބުމުން ވެސް އެ ޕާޓީއަށް އުނދަގޫތައް ދިމާވަނީ ވެސް އެ ސަބަބާއި ހުރެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެ އެވެ.
އަޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަށް އެމްޑީޕީ ފަރިތަ ނޫން ކަމަށާއި އެ ޕާޓީއަކީ ބަރުލަމާނީ ނިޒާމެއްގައި އަޅައިގަނެގެން ނެއްޓިގެން ނޫޅޭ ބައެއް ކަމަށް ވިދާޅުވެފައެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅަށް ތައުރީފުކުރައްވާ ނައިބު ރައީސް ވަނީ ކޮންމެ ދުވަހަކުވެސް ރައީސް މުއިއްޒު ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލައި އެކަންތައްތައް އަވަސްކޮށްދެއްވުމަށް އެދިލައްވާ ކަމަށާއި، ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކުގައި ވީހާވެސް ލުއި ގޮތްތައް ހޯދައިދީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެމަނިކުފާނު ދެގޮތެއް ނުވެ ހުންނަވާ ކަމަށް ވިދާޅުވެފައެވެ.
އަދި މިފަދަ ވެރިޔަކު ގައުމު ހިންގަން ހަވާލުވެ ހުންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް ލިބުން ވަރަށް މުހިންމުކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.