އެންމެ މުހިންމު އެއް ކަމަކީ އައްޑޫ ތަރައްގީ ކުރުމާއި މަޖިލިސް އިސްހާލުކުރުން ކަމަށް އެމް/ޕީއެންސީގެ ފަރާތުން މީދޫ ދާއިރާގެ ގޮޑިއަށް ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަޒާން ވަނީ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފިނަމަ ދިވެހި ރާއްޖޭގެ މަޖިލީސް އިސްލާހު ކުރުމުގެ މަސައްކަތް ކުރުމަށް އިސްކަމެއްދޭނެކަމަށް ވިދާޅުވެފަ އެވެ.
އަދި ޒުވާނުން ސިޔާސީ ކަންތައްދެކެ ފޫހިވަނީ މަޖިލީސް ޕާފޯމްކުރާ ގޮތުންކަމަށް ވިދާޅުވެ، އަޒާންވަނީ އަންނަން އޮތް ޖީލަށް ނަޒާހަތްތެރި މަޖިލީހެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.
“ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ބަޔަކަށް ހަދަން އެބަޖެހޭ. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ސުލޫކާ އަހުލާގު ހިފަހެއްޓެން ޖެހޭ. ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރެވެން އޮންނަ ތަނަކަށް ނުވާނެ.” އޭނާ ވިދާޅުވިއެވެ.
އައްޑޫގެ ހާލަތު ބަދަލުކުރެވޭނެކަަމަށް ވިދާޅުވަމުން އަޒާންވަނީ އެކަން އެގޮތަށް ކުރެވޭނީ 15 އަހަރު ވަންދެން އެއް ބަޔަކަށް އެއް ކަމެއް ކުރަން ފުރުސަތުދިނުން ބަދަލުކޮށްގެން ކަމަށެވެ. އަދި އެ ހާލަތު ބަދަލުކުރެވޭނީ ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް ފުރުސަތު ދީގެން ކަމަށް އަޒާންވަނީ ވިދާޅުވެފައެވެ.