- Advertisement -ad image

ހުރިހާ ސިޔާސީ ވެރިން  އެކީގައި ކުރިއަށް ދިއުމަށް ރައީސް ގޮވާލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޚިޔާލުތަފާތުވުންތައް ދޫކޮށް ހުރިހާ ސިޔާސީ ޕާޓީތަކާއި، އެ ޕާޓީތަކުގެ ވެރިން ގުޅިގެން މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. 

ރައްޔިތުން މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް، ރައްޔިތުންނަށް ޝުކުރު ދެންނެވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި ޤައުމަކީ އެންމެންގެ ވެސް ޤައުމެއްކަމަށް ވިދާޅުވެ، ހުރިހާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ވެރިން އެކީގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ.

“މި ޤައުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޤައުމު، މި ޤައުމަކީ ކޮންމެ ދިވެހި ލޮބުވެތި ރައްޔެތެއްގެވެސް ޤައުމު. އެހެންވީމަ، ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގަ، އަތުކުރި އޮޅާލައިގެން، އެންމެން އެކީގަ ހިނގާށޭ ކުރިއަށް ދާން. އިރާދަކުރެއްވިޔާ އަޅުގަނޑުމެން އެންމެންނަށްވެސް ލިބޭނީ އޭގެން އުފާވެރިކަން”. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ އެމަނިކުފާނުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކުވެސް ހަމަހަމަވާނެކަމަށާއި، ކޮންމެ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް އެމަނިކުފާނަށް ކޮންމެ ރައްޔިތެއް ވެސް މުހިންމު ވާނެކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ، އޭގެން ކޮންމެ ބޭފުޅަކަށް ވެސް ރައީސްގެ ހިތުގައި އޮތީ ލޮތްބާއި ގަދަރުކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެއްވެސް ބޭފުޅެއް ތަފާތުނުކުރާނެ ކަމަށާއި، އަދި ހާއްސަކޮށް ސިޔާސީ ވިސްނުމެއްގައި އެ ބޭފުޅުންނާއި މެދު އަޅާނެ ފިޔަވަޅެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.

“އެހެންވީމަ ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ޕާޓީތަކުގެ ލީޑަރުންނަށާއި، މެމްބަރުންނަށާއި، އަޅުގަނޑު މި ދަންނަވަނީ ހިންގަވާށޭ ކުރިއަށްދާން. މި ޤައުމު ތަރައްޤީކޮށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން އެންމެންގެވެސް ފަހުރަކަށް ހަދަމާ ހިނގާށޭ. އަޅުގަނޑުމެން އެންމެން އެކީގައި ކުރިއަށް ދިޔައީމަ އަޅުގަނޑުމެން އެންމެން ތިބޭނީ އުފަލުގައި. އަޅުގަނޑު ތިބޭފުޅުން އަރިހުގައި ގޮވާލަނީ އެންމެން އެކީގައި ކުރިއަށްދާން ހިނގާށޭ”. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ