ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހިންމަފުށީގައި ފަށާނެކަމަށް ޑިފެންސް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމްގައި ބޭއްވި “އަހާ” ފޯރަމްގައި ޢާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހްސާން ވަނީ ބުރާސްފަތި ދުވަހު ފަށާ މި މަސައްކަތް ޖުމްލަ ތިން އަހަރުތެރޭގައި ނިންމާ ޜާއްޖޭގައި ތިބި ހުރިހާ ބިދޭސީން ސިސްޓަމުގެ ތެރެއަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން “އަންސްކިލްޑް ލޭބަރ” ކެޓަރީގައި ތިބި ބިދޭސީންގެ ދިހަ އިނގިލީގ ނިޝާނާއި، އެމީހުންގެ ފޮޓޯ ނެގުމަށްފަހު މިހާރު އެބޭފުުންގެ އަތުގައި ހުރި ވޯކް ޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.
“މީގެތެރެއިން ބައެއް މީހުންނަކީ މީގެ ރެކޯޑްތަކުގައިވެސް ނެތް މީހުން. އެހެންވީމަ މިމީހުން މި ރެކޯޑްތެރެއަށް ނަގާފައި، މިވަގުތު ގަވައިދާ ހިލާފުވެފައި ތިބީ ކޮންބައެއްތޯ އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ، ނުވަތަ އެއްވެސް މީހެއްގެ ބެލުމުގައި ދަށުގައި ނޫންތޯ، އެމީހުން ސިސްޓަމްގެ ތެރެއަށް ވައްދަން މި ފަށަނީ.” އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރ އިހްސާންވަނީ ބިދޭސީން ގަވައިދަށް ފެއްތުމަށް މުޅި ރާއްޖޭގައި ހިންގާ ޕްރޮގުރާމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެންކަމަށ ވިދާޅުވެފައެވެ. އަދި މިއީ ޒަމާނުއްސުރެ ހައްލު ލިބިފައިނުވާ ބޮޑު މައްސަލައެއްގެ ގޮތުގައި އިހްސާން ވަނީ ފާހަގަކުރައްވާފައެވެ.