ޑޮމެއިން މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީ އިމުން ބޭރުގައި ހުރި ނަންބަރުތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރިއަށް އޮތް 20 އަކަށް ދުވަހުގެ ތެރޭގައި ފުރުސަތު ހުޅުވާލާނެކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމްގައި ބޭއްވި “އަހާ” ފޯރަމްގައި ޢާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގައި އެއްގަމު އުޅަނދުތަކުގައި ބޭނުންކުރާ 1400 އެއްހާ ޑޮމެއިންތަކުގެ ތެރެއިން 700 އެއްހާ ޑޮމެއިން ނަންބަރުތަކަކީ ސައްހަ ނަންބަރުތަކެއް ނޫން ކަމަށެވެ. އަދި ޑޮމެއިން ނަންބަރުތައް ދޫކުރުން ހުއްޓިފައި އޮތީ އެކަން ހުއްޓާލުމަށް މިދިޔަ ސަރުކާރުގައި ރައީސް އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެގޮތަށް ދެ ފަހަރަށް ސިޓީއަކުން އެންގުމުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
“މިހާރު އަޅުގަނޑުމެންނަށް އެނގޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 1400 އެއްހާ ޑޮމެއިން އެބައުޅޭ ރިކޯޑްސްތަކަށް ބަލާއިރު. އޭގެތެރެއިން ރަނގަޅު ޑޮމެއިންގެ ގޮތުގައި އޮތީ 50 ޕަސަންޓް. އަނެއް 50 ޕަސަންޓް ރަނގަޅު ނޫން ޑޮމެއިން،” އަމީން ވިދާޅުވި އެވެ.
މީގެއިތުރުން އަމީން ވަނީ ޑޮމެއިން ނަންބަރުތަކުގެ މައްސަލަތައް ގޯސްވީ ހަމައެކަނި އެ ނަންބަރު ގެންގުޅޭ މީހުންގެ މައްސަލައަކުން ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެކަން ގޯސްވީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެކަމުގައި އުޅުނު ބަޔަކު އެކަމަށް ބޭނުންކުރާ ސިސްޓަމްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހަދާފައިވާ ބޮޑެތި ގޯސްތަކެއްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.