- Advertisement -ad image

ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ހޯދައިދިނުމުގައި ރާއްޖެއިން ދެމިއޮންނާނެ: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ހޯދައިދިނުމުގައި ރާއްޖެއިން ދެމިއޮންނާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިހާރު ގެމްބިއާގެ ބަންޖުލްގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ތަޤްރީރް ކުރައްވަމުން ޑރ. ޝަހީމް ވަނީ ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެންބަރުކަން ލިބުމަކީ މި ސަރަޙައްދުގައި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމުގެ ފެށުން ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންގެ ހައިސިއްޔަތުން، އެ ސަމިޓްގެ ބައިވެރިން އެ ގޮވާލުމުގައި އިސްކޮށް ހަރަކާތްތެރިވެ، ޗެމްޕިއަނުންނަށް ވާންޖެހޭކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ދެއްވި ތަޤްރީރުގައި ވަނީ ޣައްޒާއާއި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލު ސިފައިން ޖަރީމާތައް ހިންގަމުން ގެންދާ މިންވަރަކީ ވަރަށް ބޮޑު މިންވަރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެީ ޣައިރު ޤާނޫނީ، ބޭއިންސާފު ޢަމަލުތަކަކީ ނަސްލީ ތަފާތުކުރުންތަކެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

“އެތައް ޒަމާނެއް ވަންދެން ފަލަސްޠީނު ރައްޔިތުން ތިބީ ހީވެސް ނުކުރާވަރުގެ ހިތާމަތަކަކާ ކުރިމަތިލާން ޖެހިފަ. އެބައިމީހުންގެ ބިންތައް ހިފަހައްޓައި، ގެދޮރު ތަޅާލައި، ހުވަފެންތައް ފުނޑުފުނޑުވެގެން ހިނގައްޖެ. އެހެންނަމަވެސް، ސުންނާފަތިކަމާއި، މާޔޫސްކަމުގެ ތެރޭގައި، އެބައިމީހުންގެ ކެތްތެރިކަން އަދިވެސް އޮތީ ނުކެނޑި.” ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ ދުނިޔޭގެ ކޮންމެ ދިމާލަކުންވެސްފެންނަނީ ފަލަސްޠީނަށް ތާއީދުކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެތައް ހާސް ބަޔަކު އެއްވެ އުޅޭތަން ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން ގާތްގަނޑަކަށް ހަ މަސް ދުވަސް ނެގިކަމަށް ވިދާޅުވެފައެވެ. އަދި ލަސްވި ނަމަވެސް އދ.ގެ އެ ފިޔަވަޅަށް ޑރ. ޝަހީމް ވަނީ މަރުހަބާ ދަންނަވާފައެވެ.

އަދި ދުނިޔޭގެ މުޖުތަމަޢަށް ހަމައެކަނި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ހިސާބުން އެކަން ނިމުމަކަށް ގެނެވޭކަށް ނެތްކަމަށާއި، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަންފީޒު ކުރަން ޖެހޭކަމަށް ޑރ. ޝަހީމްވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ، ފަލަސްތީނަށް އެކަށީގެންވާ މިންވަރަށް އަދި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަންދޭންޖެހޭޭކަމަށް ޑރ. ޝަހީމްވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ވަނީ އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތައް ނިމުމަކަށް ގެނައުމަށްއަދި އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

އޯ.އައި.ސީގެ މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ. ޝަހީމް ގެމްބިއާ އަށް ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ޚާއްސަ މަންދޫބުގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ