ރަފަހްގެ ބޯޑަރުތައް އިޒްރޭލުން ވަށާލާ ދެމުންދާ ހަމަލާތައް ރައީސް ޑރ. މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިހާރު ޣައްޒާގައި، އަދި ހާއްސަކޮށް ރަފާގައި ފެންނަމުންދާ މަންޒަރަކީ މަރުތައް އިތުރުވެ، ގިނަ ބަޔަކު ގެދޮރު ދޫކޮށްދާ މަންޒަރު ކަމަށެވެ. އެ މަންޒަރު ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސްރާއިލްގެ އަތްދަށުވެ ޣައްޒާ ފަނާވެގެން ދާތަން ބަލަން ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިއީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މިކަމުގައި ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.
އަދި 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމަށާއި މިކަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އަދި ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ރަފަހް އިސްރާއިލްގެ އަތްދަށުން ސަލާމަތްކުރުމަށް, ރަފަހުން އިސްރާއިލް ވަކިކުރުމުގެ އަމުރަކަށް އެދިފައެވެ.
މެއި 10 ވަނަ ދުވަހު އދ ގެ އާންމު މަޖިލީހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ “އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް”ގެ ނަމުގައި ގަރާރެއް ހުށަހަޅައިފައެވެ. މި ގަރާރަށް ރާއްޖޭން ކޯސްޕޮންސާ ކޮށްފައިވާއިރު، މި ގަރާރުގެ ދަށުން އދ ގެ އާންމު މަޖިލީހުން ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރުކަން ދިނުމަށް ވަނީ ފާސްކޮށްފައެވެ. މި ގަރާރަށް ނެގި ވޯޓުގައި 143 ގައުމަކުން ތާއީދުކޮށްފައިވާއިރު، އެ ގަރާރާ ދެކޮޅަށް 9 ގައުމަކުން ވޯޓުދިނެވެ. އަދި 25 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ.