ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 30 މެއި ގެ ނިޔަލަށް ނަގަން އަންގައިފިއެވެ. މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ނަގަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
އަދި ދެވިފައިވާ މުއްދަތުގައި މި ތަކެތި ނަގާފައި ނުވާނަމަ، އެ ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދާނެއެވެ. މިގޮތުން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް ބުނެފައިވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށެވެ. ނަމަވެސް އެ ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/05/4d9c5fb5-1818-41f3-bd8d-0d81bbaefcf1.jpeg?resize=696%2C464&ssl=1)
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/05/f3ef7ba5-76d1-436d-a97a-60478ca48033.jpeg?resize=696%2C464&ssl=1)
މީގެ އިތުރުން އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުން ދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ދިމާވެފައި ވެއެވެ.
އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.