ކޮމަންވެލްތު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރިގޮތުގައި މިނިސްޓަރގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މުހިންމު މާލީ ބާޒާރެއް ރާއްޖޭގައި ޤާއިމުކުރުމަށް އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯއްދެވުމެވެ. އަދި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްޤީކުރުމާ ބެހޭގޮތުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ، ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމްކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑާއި، މާލީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ޒަމާނީކޮށް ދުނިޔޭގެ ފެންވަރުގެ ހިންގުމާއި، ސްޓްރެޓެޖީ އަދި އޮޕަރޭޝަންސް ފްރޭމްވޯކެއް އެކުލަވާލުމާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ފައިނޭންޝަލް ސަރވިސަސް ފާމްތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ އިތުރުން އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސަރވިސަސް އިންޑަސްޓްރީގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.